|

ހިނައި ގަތުމާއި އަދި ވުޟޫ ކުރުމުގައި ޢަޥްރަ ނިވާކުރަންޖެހޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ހިނައި ގަތުމާއި އަދި ވުޟޫ ކުރުމުގައި ޢަޥްރަ ނިވާކުރުމާއި މެދުގައި ބުނަމެވެ.

ފުރަތަމައީ : ވުޟޫ ކުރާހިނދު އަދި ހިނައިގަންނަހިނދުވެސް ޢަޥްރަ ނިވާކުރުމަކީ ވުޟޫ އަދި ހިނައިގަތުން ޞައްޙަވުމަށް އޮތް ޢަމަލެއް ނޫނެވެ. އަދި ކިޔެއްތަ! ޢަޥްރަ ކަޝްފު ކޮށްގެންހުރެ ވުޟޫ ކުރުމަކުން ވުޟޫއަށް އަޘަރެއް ނުކުރާނެ އެވެ. އެމީހާގެ ވުޟޫ އަކީ ޞައްޙަ ވުޟޫއެއް ކަމުގައިވާނެ އެވެ.

މިއީ ކޮށްފައިވާ ސުވާލުގެ މައްޗަށް އޮތް ޖަވާބެވެ.

އެހެނަސް ޢަޥްރައިގެ ވާހަކަ ދެއްކުމުން ނަފްސަށް އަދި ޙަޔާތުގެ މައްޗަށް ވިސްނާލުމަށް ގެންނަންޖެހޭ ނުކުތާއެއް ޛިކުރުކޮށްލަމެވެ.

ދެވަނައީ : ދަންނަ އެވެ! އެންމެ ލަދުވެތިވުން އަޥްލާވެގެންވަނީ ޚާލިޤްވަންތަ ﷲ عزوجل އަށެވެ. އެއްވެސް ޝައްކެތްނުވާ ގޮތުގައި ﷲ ތަޢާލާ އެމީހަކަށް އަބަދުވެސް ހަނދުމަވެ، މަޢުރިފާވެގެންވާ މުޙްސިނުންގެ ސިފައަކީ މި އެވެ.

މިސްތަކުންނަށް ލަދުވެތިވެތިވުން އޮންނަ ފަދައިން ﷲ އަށް ލަދުވެތިވުމުގައި ވުމެވެ. ޞަޙާބީންގެ ޙަޔާތްޕުޅުން ފެންނަންހުރި މިފަދަ މިޘާލުތަކުގެ ތެރޭގައި މި ބަސްފުޅަށް ވިސްނާލުން ހުއްޓެވެ. أنس بن مالك رضي الله عنه أبوموسى الأشعري رضي الله عنه އަރިއަހުން ރިވާކުރައްވާ ވިދާޅުވެފައިވެ އެވެ. أبوموسى الأشعري ވިދާޅުވި އެވެ.

”ހަމަކަށަވަރުން ތިމަން ޞަޙާބީ އެކުއެކީގައި އަނދިރިކޮށްފައިވާ ގެއެއްގެ ތެރޭގައި ހުރެ ހިނައިގަންނަމެވެ. އަދި ހަށިގަނޑުގައިވާ ފޭރާން ބާލާއިގެން ހުންނަހިނދު ބުރަކަށި ގުދުކޮށް ތިރިވެ ހުންނަމެވެ. (އެއީ) އަޅުގެ ވެރި ރައްބަށް އޮންނަ ލަދުވެތިކަމުގަ އެވެ.“

ލަދުވެތިކަމަކީ އެންމެހައި ނަބީބޭކަލުން ގެ ޝަރީޢަތްތަކުގައި ހެޔޮ ރިވެތި ޘަނާގެ ބަސްފުޅު ބަޔާންވެގެންވާ ހެޔޮ ޢަމަލެއް ކަމުގައިވެ އެވެ. الحَافِظ ابن دَقِيق العِيد رحمه الله ވިދާޅުވެފައިވެ އެވެ. ”އަމުރު ވެވިގެން ވުމުގެ އިތުރުން އެ ޢަމަލަކަށް ޙަމްދުލިބި، ރިވެތި ޢަމަލެއްގެ ގޮތުގައި ބަލައިގަނެވިގެންވާ ޢަމަލުތަކުގެ ދަރަޖައިގައި ލަދުވެތިކަންވެ އެވެ.

އަޚާ އެވެ! ތަޤްވާވެރިން އަދި ﷲ އަށް ކިޔަމަންގަތުމުގައިވާ ފަރާތްތައް، ﷲ އެބަޔަކުދެކެ ލޯބިވެވޮޑިގެންނެވި އަހުލުވެރިން ކަމުގައިވާ އުއްމަތުގެ އަހުލުވެރިންގެ މަންމައިންގެ ގޮތުގައި ޛިކުރުވެފައިވާ މާތް ނަބިއްޔާގެ އަނބިއަނބިކަބަލުންގެ މި މިޘާލުގެ މައްޗަށް ފިކުރުކޮށްލުން ހުއްޓެވެ.

عَائِشَة رضي الله عنها ވިދާޅުވެފައިވެ އެވެ. ”ތިމަން ކަމަނާގެ ގެކޮޅުގައި رَسُولُ اللَّهِ ﷺ އަދި ބައްޕާފުޅު ފަސްދާނުލެވިފައިވީ ހިނދުގައި، ގެކޮޅަށް ވެދެވަޑައިގެން (ބައެއް) ފޭރާންކޮޅު ބާލަމެވެ. އަދި ބުނެމެވެ. ހަމަކަށަވަރުން މިތަނުގައިވަނީ ފިރިކަލުންނާއި ބައްޕާފުޅެވެ! އަދި އެތަނުގައި އެބޭކަލުންނާ އެކުގައި عُمَر ފަސްދާނުލެވުމުން، ﷲ ޤަންދީ ބުނަމެވެ. ހަށިގަނޑު ނުހަނު ފުރިހަމައަށް ފޭރާމުން އެކުއެކީގައި ނިވާކޮށްގެން މެނުވީ ގެކޮޅަށް ވެދެވަޑައި ނުގަންނަވަމެވެ. عُمَر ގެ މައްޗަށް އޮތް ލަދުވެތިކަމެއްގެ ބޮޑުކަމުންނެވެ.“

ވިސްނާލުން ހުއްޓެވެ! ފިކުރުކޮށްލުން ހުއްޓެވެ! سبحان الله! އަހަރުމެންގެ ނަބިއްޔާގެ އަނބިކަނބަލުންގެ ޙާލުކޮޅެވެ. ގެކޮޅުގައި ފަސްދާނުލެވިފައިވަނީ މަޙްރަމުންގެ ތެރެއިންވާ ފަރާތެއް ނޫން ކަމުގައިވުމުން، (އެ ފަސްދާނުލެވިފައިވާ މަޙްރަމު ނޫން) ފަރާތުގެ މައްޗަށްވެސް ހަށިގަނޑު ނިވާކުރީ އެވެ! ކޮންފަދަ ލަދުވެތިކަމެއް ހެއްޔެވެ؟ ކޮންފަދަ ލަދުވެތި ކަމުގައިވާ ޞަޙާބިއްޔާ އެއްތޯ އެވެ؟

މިއަދު، ދީނޭ، ޝަރީޢަތޭ، މެދުމިނޭ، ޙައްދުފަހަނައެޅީ، ބުނެ މީސްތަކުންގެ ތެރެއަށް ނުކުމެފައިވާ މީހުންގެ ”ލަދު“ ކޮބައިބާވަ އެވެ؟ ޝަރުޢީ ގޮތުން ޢަޥްރަ ކަމުގަ ދީނުގައި ކަނޑައަޅާފައިވާ ހަށިގަނޑު ހާމަކޮށް، ޢަވްރަ ކަޝްފުކޮށް، ނުކުމެފައިވުމުން ޙަޤީޤަތުގައި ”ޙައްދުފަހަނައެޅުމާއި“ ”ލަދުކެނޑިފައި“ ވުން އޮތީ ކޮންބައެއްގެ ތޯ އެވެ؟ ޚާއްޞަކޮށް އަންހެނުންނެވެ. ހަށިގަނޑުގެ ވަނާތައް، ހަށިގަނޑުގެ ޒީނަތް ފާޅުވެގެންދާ، އޭގެ އިތުރަށް ނިވާކުރުމަށް ވާޖިބުވެގެންވާ ގުނަވަންތައް ހާމަކޮށްފައި ނިވާނުކޮށް ހުރުމެވެ. އަބަދާއި އަބަދު އެންމެ ބޮޑު ފާފައިގެ މަތީގަ އެވެ. މި ކަމުގެ ޙަރާމްކަމުގެ ބޮޑުކަން ނުވިސްނެނީ ހެއްޔެވެ؟

ނޫނެކެވެ. ލަދުވެތިކަން ނެތުމެވެ. الإمام مُحمَّد بن صَالح العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ. ”ގަޔަށް ބާރު ހެދުންތަކަކީ ބޭރުފުށުން ފޭރާމެއް ކަމުގައި ވީނަމަވެސް ޙަޤީޤަތުގައި އޮރިޔާން ޙާލުގައި ވުމެވެ.

ފަހެ، ހަމަކަށަވަރުން ހަށިގަނޑަށް ބާރު ހެދުންތަކުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ ބައްޓަން ފާޅުވުމަކީ އޮރިޔާން ޙާލުގައި ވުމެވެ.“

މިއީ، ބާރު ހެދުމުގެ ވާހަކަ އެވެ. ހެދުމެއް ނުވެސް ނެތީ އެވެ. ލަދުވެތިކަން ކޮބައިތޯ އެވެ؟

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts